ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމަވައިފިއެވެ.

މިގޮތުން މީސްމީޑިއާއަށް މުނައްވަރު ދޫކޮށްލެއްވި ޕޯސްޓަރެއްގައި ވަނީ ''މުނައްވަރު 2023'' ޖަހާފައެވެ. މީގެ އިތުރުން މުނައްވަރުގެ ކެމްޕޭން މަރުކަޒެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ.

Ad
rt

މުނައްވަރަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި ތައުލީމީ، ތަޖުރިބާކާރު ބޭފުޅެކެވެ. އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުނައްވަރު ރިޔާސީ ރޭހަށް ނުކުންނަވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އުމުރުން 61 އަހަރުގެ ޑރ. މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވިއިރު އޭނާ ވަނީ މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަސައްކަތް ކޮށްދެއްވާފައެވެ. އަދި މި ސަރުކާރަށާއި، ރައީސް ޞާލިޙަށް އޭނާ ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޚާއްސަގޮތެއްގައި އޭނާ ވަނީ ޗާގޯސް މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަ ކުރުމަށް މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެމްއެންޕީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އިދިކޮޅު ކެންޑިޑޭޓަކީ ކުރީގެ ރައީސް، ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމެވެ. ނަމަވެސް އެމަނިކުފާނު މިވަގުތު ހުކުމެއް ތަންފީޒުކުރަމުން ދާތީ އެ ހުކުމް ދެމިއޮތްހާ ހިނދަކު އިންތިޚާބުގައި ވާދަނުކުރެއްވޭނެއެވެ.