ސައުދީ ޕްރޯ ލީގުގައި ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި އަލް ބާތިން އެފްސީ ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ، އަލް ބާތިނުން ލަނޑު ޖަހާފައި ވަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ތިން ލަނޑު ޖަހައިގެން، 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގެ 17 ވަނަ މިނެޓުގައި އަލް ބާތިނުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ބުކާއީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރެންޒޯ ލޮޕޭޒެވެ.

އަލް ނަސްރު މެޗުން މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ 12 މިނެޓްގެ ތެރޭ ޖެހި ތިން ލަނޑުންނެވެ. މިގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ގުސްޓާވޯ އަލް ބާތިންގެ އޭރިއާ ތެރެއަށް ކުޅުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ގަރީބް އެވެ.

ދެވަނަ ލަނޑު އޭގެ ތިންމިނެޓް ފަހުން އަބްދުﷲ މަޑޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަލް ފާތިލް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު ގަރީބް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މަރަންއެވެ.

މި މޮޅާއިއެކު އަލް ނަސްރަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ވަނީ ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް އަލް އިއްތިހާދަށް 19 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ. މެޗުން ބަލިވި ބާތިން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ.