ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި އަރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ.
ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް ލައިޕްޒިގްގެ ޑިފެންސްގެ ފަހަތަށް ކުޅުން ބޯޅަ ހޯދައި އެ ޓީމްގެ ހޫލިއަން ބްރެންޓް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭނާ ބޯޅަ ހޯދަން އުޅުމުގެ ތެރޭ އަތުގައި ޖެހިފައިވާތީ ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
ޑޯޓްމަންޑުން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޑޯޓްމަންޑަށް ލީޑު ހޯދައިދިނީ އެ ޓީމްގެ ކެޕްޓަން މާކޯ ރެއުސްއެވެ. މި ލަނޑާއިއެކު ރެއުސް ވަނީ ޑޯޓްމަންޑަށް އެންމެ ގިނައިން ލަނޑު ޖަހައިދިން މައިކަލް ޒޯކްގެ (159) ލަނޑުގެ ރެކޯޑާއި އަރާ ހަމަކުރެވިފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްރެ ކޭން ވަނީ ޑޯޓްމަންޑަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. މިއީ ކޭން މި ސީޒަންގައި ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގައި ލައިޕްޒިގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޑޭވިޑް ރައުމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމިލް ފޯސްބާގެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު ދިހަ މެޗުން ވެސް ބަލިވެފައި ނުވެއެވެ. މި ދިހަ މެޗުގެ ތެރެއިން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިވާއިރު، މިއީ 2011/12 ސީޒަނަށް ފަހު އެ ޓީމަށް ޖެހިޖެހިގެން އަށް މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.
މި ހަފްތާގައި ދެން ޑޯޓްމަންޑަށް އޮންނާނީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅަ ބުރުގެ ދެވަނަ ލެގުގައި ޗެލްސީގެ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅެން ޖެހޭމެޗެވެ. ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކޮށްފައި ވަނީ ޑޯޓްމަންޑުންނެވެ. ވުމާއެކު ޗެލްސީ ދަނޑުގައ ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލެވުނަސް އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ޖާގަ ލިބޭނެއެވެ.
ރޭ ލިބުން މޮޅާއިއެކު ޑޯޓްމަންޑަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 23 މެޗުން ލިބުނު 49 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މިވަގުތު އޮތީ ބަޔާން މިއުނިކެވެ. އެ ޓީމަށް 22 މެޗުން ވަނީ 46 ޕޮއިންޓް ލިބިފައެވެ. މިރޭ ބަޔާން ނުކުންނާނީ ސްޓުޓްގާޓާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ބަޔާން އަށް އެބައޮތެވެ.
ޑޯޓްމަންޑުން ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޓީމަށް އެންމެ ފަހުން ލީގު ކާމިޔާބު ކުރެވިފައި ވަނީ 2012 ވަނަ އަހަރުއެވެ. އެއީ މިހާރު ލިވަޕޫލްގެ ކޯޗްގެ މަގާމުގައި ހުރި ކްލޮޕް އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި ދުވަސްވަރެވެ. އޭގެ ފަހުން ފާއިތުވި 10 ސީޒަންގައި ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބަޔާން މިއުނިކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!