ދިހަ އަހަރުން ދަށުގެ ހަތަރު ދަރިންނާއެކު ވަރަށް ދަތިހާލުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މަޔެއް ހިމެނޭ ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް "މަމްސް" ޖަމިއްޔާ މަސައްކަތްފަށައި، އެ ޢާއިލާއަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
''މަމްސް'' ޖަމިއްޔާއިން ބުނީ މި ޢާއިލާއަށް ވަރަށް އަވަހަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އެ ޢާއިލާގައި ތިބި ހަތަރު ކުދިންކުރެ ދެ ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ އާއިލާ ދިރިއުޅޭ ތަނުގެ ހާލަތު ހުރިގޮތުން ރޭ ވެސް އެ ޢާއިލާއަށް ނިދޭނެ ފަދައެއް ވެސް ނެތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ކުދިން ނިދާނެ ގޮދަޑިއެއް، ބެޑްޝީޓެއް އަދި ގައިމަތީ އަޅާނެ ރަޖައެއް ވެސް ނެތް ކަމަށާއި، އެހެންކަމުން އެ ކުދިން ނިދަން ޖެހިފައި ވަނީ ތަށިމުށިތަކުގެ މަތީގައިކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
''ގޭގައި ކުދިންކާނެ އެއްޗެއް ނެތުމުގެ ސަބަބުން ބަނޑުހައިހޫނުކަން މަތީ ތިބޭތާ މިވަނީ ދެ ދުވަސްވެފައި، އެ ގޭގައި އެކުދިން ކާނެ އެއްވެސް އެއްޗެއް ނެތް، މަމްސް ޖަމިއްޔާގެ ޓީމުން މަސައްކަތް ކުރަމުން މިދަނީ މި ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް'' މަމްސް ޖަމިއްޔާއިން ރޭ މީސްމީޑިއާ މެދުވެރިކޮށް ބުނެފަވެއެވެ.
މި ޢާއިލާއަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މަމްސް ޖަމިއްޔާގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. މިވަގުތައް ވެސް އެ ޢާއިލާއަށް ބޭނުންޖެހިފައިވާ ތަކެތީގެ ގޮތުގައި މަމްސް ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ:
- 1 ގޮދަޑި - ކްއީން ސައިޒް
- 2 ގޮދަޑި - ސިންގަލް
- 10 ބާލީސް
- 3 ބެޑިން ސެޓް
- ބަދިގޭގައި ގެންގުޅޭ ސާމާނު
- ކާބޯތަކެތި
އިތުރު މައުލޫމާތު ސާފުކުރުމަށް މަމްސް ޖަމިއްޔާގެ 9368833 ނަންބަރަށް ގުޅުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!