އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ވަފުދެއް ގުރައިދޫ ދާއިރާއަށް ދަތުރެއް ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމުން ބުނީ މި ދަތުރަކީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު އިބްރާޙީމް ރިޟާ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެ، ރިޟާގެ ޢާއިލާއާއި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޔާމީންގެ ތައުޒިޔާ ރައްދުކޮށް ހިތްވަރު ދިނުމަށް ކުރާ ދަތުރެއް ކަމަށެވެ.

Ad
rt

މި ދަތުރުގައި ލީޑު ކުރައްވަނީ އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.

މި ވަފުދު ގުރައިދޫ ދާއިރާގެ ތިން ރަށަށް ވެސް ދާނެކަމަށް ޕީޕީއެމުން ބުނެއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވީ، 23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރިޟާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ޕީޕީއެމާއި ގުރައިދޫ ދާއިރާއަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ.

ރިޟާ އަވަހާރަވުމުން ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާތީ އިލެކްޝަން ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ހުޅުވާލާފައެވެ.

އެ ބައި- އިލެކްޝަންގައި ވާދަކުރުމަށް މިހާތަނަށް ދެ ޕާޓީއަކުން ވަނީ ނިންމައި އެ ޕާޓީތަކުގެ ޕްރައިމަރީއަށް ހުޅުވާލާފައެވެ. އެއީ އެމްޑީޕީއާއި، އެމްއެންޕީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.