ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފިއެވެ.

ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އެ ޓީމުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 3 ވާ އަންގާރަ ދުވަހުގެ ރޭ ދަންވަރު 01:00 ގައެވެ.

ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށް ވެސް މެޗުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ވެސް ހޯދިފައި ނުވެއެވެ.

މެޗުގެ 14 ވަނަ ބިލްބާއޯ އިން އުފެއްދި ހަމަލާއެއްގައި އެ ޓީމްގެ ފޯވާޑް އިނާކީ ވިލިއަމްސް ލަނޑެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑް ވުމުން ލަނޑު ވަނީ ބަލައި ނުގެންފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު އޮސަސޫނާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޮރޮކޯގެ އަބްދުއްސަމަދު އެއްޒަލްޒޫލީއެވެ.

އެތުލެޓިކް ބިލްބާއޯ އަކީ ކޮޕަ ޑެލް ރޭ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއީ އެ ޓީމް މި މުބާރާތުގެ ސެމީ ފައިނަލުގައި ވިދިވިދިގެން ކުޅޭ ހަތަރުވަނަ ފަހަރެވެ. މި މުބާރާތް 31 ފަހަރު ބާސާއިން ކާމިޔާބު ކޮށްފައިވާއިރު، ބިލްބާއޯ އިން ވަނީ 23 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި ލިސްޓްގެ ތިންވަނާގައި އޮތީ 19 ފަހަރު މި މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފައި ވަނީ ރެއާލް ބެޓިސް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑް، ރެއާލް ދަނޑުގައި ބައްދަލު ކުރާނެއެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ދަންވަރު 01:00 ގައެވެ.