ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ.
އުމުރުން 35 އަހަރުގެ މެސީ މި އެވޯޑް ހޯދާފައި ވަނީ އޭނާއާއި އެއްޓީމަކަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެމްބާޕޭއާއި ކަރީމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.
ފާއިތު އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ އަހަރު (2021/22) ކުލަބަށާއި ގައުމީ ޓީމް ހިމެނޭހެން ޖުމްލަ 49 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ އެ މެޗުތަކުގައި 27 ލަނޑު ޖަހާފައެވެ.

މިއީ މި އެވޯޑް މެސީ ހޯދި ދެވަނަ ފަހަރެވެ. މި އެވޯޑް ކާމިޔާބު ކުރުމަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނެފައި ވަނީ ފާއިތުވި އަހަރަކީ އާދަޔާ ޚިލާފް އަހަރެއް ކަމަށާއި މި އެވޯޑް ލިބުމަކީ ޝަރަފެއް ކަމަށެވެ. އެކަން ކާމިޔާބުވުމުގައި ޓީމްގެ އެހީތެރިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ދެކެމުން އައި ހުވަފެން ގިނަ ދުވަސްތަކަކަށް ފަހު ހަގީގަތަކަށް ވެފައިވާކަން ފާހަގަ ކުރަމުން މެސީ ބުނެފައި ވަނީ އެއީ މަދުބަޔަކަށް ނޫނީ ހޯދޭ ކާމިޔާބެއް ނޫން ކަމަށެވެ.
އަހަރުގެ އެންމެ މޮޅު ކޯޗްގެ މަޤާމަށް ހޮވިފައި ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗް ސްކަލޯނީއެވެ. އޭނާއާއި އެންމެ ގާތުން މި އެވޯޑަށް ވާދަ ކޮށްފައި ވަނީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާއި ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީއެވެ.

އަންހެން އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އިންގްލެންޑަށް މިދިޔަ އަހަރު އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ކޯޗް ސަރީނާ ވިއެގްމަންއެވެ.
އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަށް ހޮވިފައި ވަނީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ އެމިލިއާނޯ މާޓިނޭޒްއެވެ. އޭނާ ވަނީ މިދިޔަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާ ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އަހަރުގެ ޑްރީމް ޓީމުގައި ހިމެނިފައި ވަނީ ރެއާލް މެޑްރިޑްގެ ކީޕަރ ކޯޓުއާ، ޕީއެސްޖީގެ ފުލް ބެކް އަޝްރަފް ހަކީމީ، ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް، ޕޯޗުގަލްގެ ފުލްބެކް ކެންސެލޯ، މެންޗެސްޓާ ސިޓީގެ ޕްލޭމޭކަރ ކެވިން ޑި ބްރޭނާ، ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު މިޑްފީލްޑަރ ލުކާ މޮޑްރިޗް، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ، ޕީއެސްޖީއަށް ކުޅެމުން އަންނަ ލައިނަލް މެސީ، މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑް، ރެއާލް މެޑްރިޑްގެ ތަޖރިބާކާރު ފޯވާޑް ބެމްޒެމާގެ އިތުރުން ޕީއެސްޖީގެ ފޯވާޑް އެމްބާޕޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!