ރަށްފުށުގައި ފެނާއި ނަރުދަމާ ގާއިމް ވުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް "ރީތި ލޯބި އަންހެންކުދިން"ގެ ގައިން މާ މީރު ވަހެއް ނުދުވާކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

ރާޝިދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ގަރާރާ ދެކޮޅު ހައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ދިވެހި އަންހެނުންނަށް ބަދުބަސް ބުނެ ދެއްކެވި ވާހަކަ އާއި ގުޅޭގޮތުން ރާޝިދު އަށްވަނީ ވަރަށް ބޮޑަށް ނުރުހުންވެސް އަމާޒުވެފަ އެވެ.

ރާޝިދު އެހެން ވިދާޅުވެފައިވަނީ، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކޮށްފައިވުމުގެ ސަބަބުން ވީ ފައިދާތައް ސިފަކޮށްދެމުންނެވެ.

"ރަށްފުށުގައި ތިބި "ރީތި ލޯބި އަންހެންކުދިން"ގެ މޫނުމަތިން މިއަދު ފެން ލިބެން ފެށީގައި މިއަދު ޗާލުކަން ފެންނަން ފަށައިފި، އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،"

ރާޝިދު ވިދާޅުވި އެވެ.

ދިވެހި އަންހެނުންނާ ދިމާކޮށް އެހާ ބޭއަދަބީ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ. އެނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެއްވެސް ޖިންސަކާ ގުޅިގެން އެފަދަ ވާހަކައެއް ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

މި ބަހުސްގައި ރާޝިދު އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ލޯނު ނަގައިގެން ނުދެއްކޭ މަންޒަރު ނުފެންނަ ކަމަށާއި ވެރިކަމުގައި ހުރީ ކޮލިޓީގެ ރައީސެއް ކަމަށާއި ތިބީ ކޮލިޓީ މިނިސްޓަރުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ޓަވަރުތަކާއި ބުރިޖަކާއި ހޮސްޕިޓަލެއް ނުނިނާ ހުރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ކަންކަން ނިންމަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ. މީގެ އިތުރުން ތުރާކުނުން އައްޑުއަށް ބަލާއިރު 30،40 ބިލިޔަނުން ލޯނު ނަގައިގެން އެޅީ ކޮންތާކަށްކަން ފެންނަން ނެތް ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އެކަން ވަރަށް ތަފާތު ކަމަށާއި ފެނާއި ނަރުދަމާ އާއި ބަނދަރު މަޝްރޫއުތައް ކުރިއަށް ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބިޔަ ބުރިޖާއި އައްޑޫ މަޝްރޫއާއި ފުވައްމުލައް ސިޓީގައި މަޝްރޫއުތައް ކުރިއަށްދާކަން ވެސް ފާހަގަކުރެއްވިއެވެ.

ރާޝިދު ވަނީ މަސްލަހަތު ނަގާލައި، ބިރުވެރިކަން އުފެއްދުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.