ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެޔެއް ނޫންގޮތުގައި ދެކުން އެއީ ރަނގަޅުކަމެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާ ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

Ad
rt

މެންބަރު ޖާބިރު ބަހުސް ކުރައްވަމުން ވިދާޅުވީ، މަޖިލީހުގެ ތަޅުމުން މިހާރު ފެނިގެން ދަނީ، އެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެޔެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ހިންގާތައްކަމުގަ އެވެ.

އެކަމަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދައުރެއް މަޖިލީހުގައި އޮތްކަމަށާއި މިއަށްވުރެއް ބޮޑު ސިޔާސީ ހަރުގެޔެއް މިރާއްޖެއަކު ނެތްކަމަށެވެ.

"މިތަނުގައި ސިޔާސީ ވާހަކަ ދައްކާނީ، މިތަނުގައި ސިޔާސީ އެއްބަސްވުންތައްވާނީ، މިތަނުގައި ދެބަސްވުންތައްވާނީ، މިތަނުގައި ސިޔާސީ ޒުވާބު ވެސް ކުރާނީ"

ރައްޔތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ހަރަކާތުގެ ނާރެސްކަމުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ބައެއް ފަހަރަށް ބައެއް މެންބަރުންގެ ޕާޓީގެ ތެރޭގައި ހިނގާ ހައްސާސްކަންތައްތަކުގެ ވާހަކަ ދައްކަމުން ގެންދަވާކަމަށާއި މެންބަރުން ދެކެވަޑައިގަންނަވާގޮތް ސާފުކުރަން ރައްޔިތުންވެސް ބޭނުންވާކަމުގައި ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގައި ސިޔާސީ ވާހަކަ ދެއްކުމާއި އެފަދަ ކަންކަމަށް މަޖިލީހުގެ ގަވާއިދާއި ގާނޫނުތައްވެސް އަދި ރާއްޖޭގެ ގާނޫނު އަސާސީ ވެސް އަމާޒު ކަމުގައެވެ.