"ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން، ނޭޝަނަލް ޖޮބް ސެންޓަރ ޤާއިމުކުރެއްވީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި، ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެއްވުމަށްކަމުގައެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ޖޮބްސެންޓަރަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.
ނޭޝަނަލް ޖޮބް ސެންޓަރުގެ މަސައްކަތްތައް
1. ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.
2. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
3. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.
4. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.
5. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކައި ޕުރޮގުރާމުތައް ރާވައި ހިންގުން.
6. ވަޒީފާގެ ފުރުޞަތުތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.
7. ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
8. ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސަރވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.
ނޭޝަނަލް ޖޮބްސެންޓަރު އުފެއްދެވިކަން އިޢުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!