މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ކާމިޔާބުކޮށް ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭ ތައްޓެއް ކާމިޔާބު ނުކުރެވި އޮތް އޮތުމަށް ނިމުން ގެނެސްފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ލީގު ކަޕް ފައިނަލް މެޗުގައި ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށް ތަށި އުފުލާލާފައެވެ.

Ad
rt

މެންޗެސްޓާ ޔުނައިޓެޑަށް މި ތަށި ލިބުމުގެ ކުރިން ދެން އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 2017 ވަނަ އަހަރުއެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން އެ އަހަރު ވަނީ ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުން ނިއުކާސަލް ބަލިވި ނަމަވެސް އެ ޓީމުން މެޗު ފަށާފައި ވަނީ ވަރަށް ވަރުގަދަ ކޮށެވެ. އެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ޔުނައިޓެޑްގެ ޑިފެންސް ތެރެއުން ލަނޑު ޖަހާނެ ފުރުޞަތު ހޯދުންވީ އުނދަގޫ ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑުން ވަނީ މަޑުމަޑުން ގޭމްތެރެއަށް ވަދެ ކޮންމެވެސް ވަރަކަށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.

މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ 33 ވަނަ މިނެޓުގައެވެ. މި ލަނޑު ނިއުކާސަލްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ލުކާ ޝޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ކަސެމީރޯއެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 12 މެޗުގައި ކަސެމީރޯ ޖެހި ހަތަރުވަނަ ލަނޑެވެ.

ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. ޔުނައިޓެޑްގެ ފޯވާޑް ވެގްހޯސްޓް ޖައްސާލި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ރަޝްފޯޑް ފޮނުވާލި ބޯޅައަށް ހުރަސް އަޅަން އުޅުމުގެ ތެރޭ ނިއުކާސަލްގެ ބޮޓްމަން ފައިގައި ޖެހިފައި އެ ބޯޅަ ވަދެފައި ވަނީ ބައި ގޯލަށެވެ.

މިއީ ޔުނައިޓެޑް މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެ ޓީމުން ވަނީ މި މުބާރާތް 1992، 2006، 2009، 2010، 2017 އަދި 2023 ގައި ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމާއި ޓެންހާގް ހަވާލުވެފައި ވަނީ މި ސީޒަންގައެވެ. އޭނާ ހަވާލުވި ފުރަތަމަ ސީޒަނުގައި ޔުނައިޓެޑަށް ތައްޓެއް ހޯދައިދިނުމުގެ އިތުރުން، އެ ޓީމް އަންނަނީ ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ.