އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ޗެލްސީ ބައްދަލުކުރި މެޗުން، ޗެލްސީ ބަލިވުމާއި ގުޅިގެން ޗެލްސީގެ ކޯޗް ގްރަހަމް ޕޯޓާ އިތުރު ޕްރެޝަރަށް ވެއްޓިއްޖެއެވެ.
ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ޗެލްސީގެ ކޯޗްގެ މަގާމާއި މީގެ ހަމަހެއްހާ ދުވަސްކުރި ހަވާލުވި ޕޮޓާގެ އިރުޝާދުގެ ދަށުން އެ ޓީމުން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. ދަށް ނަތީޖާތަކާއި ގުޅިގެން ޓޮޓެންހަމާއި ދެކޮޅަށް ރޭ ނުކުތް އިރު ވެސް އެ ޓީމް އޮތީ ހާސްކަމެއްގެ ތެރޭގައެވެ. ހާއްސަކޮށް ކޯޗް ޕޮޓާއަށް އޮތް ޕްރެޝާ އޮތީ ބޮޑުވެފައެވެ. ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން ޕޮޓާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، ދާދިފަހުން ޕޮޓާ ވަނީ ޗެލްސީގެ ސަޕޯޓަރުން އޭނާއަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް މީޑިއާގައި ބުނެފައެވެ.
ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ މިހާތަނަށް 26 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ އެންމެ ނުވަ މެޗުންނެވެ. އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީވެސް ދެ މެޗުންނެވެ. މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ ދިހަވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 24 މެޗުން 31 ޕޮއިންޓެވެ. ޗެލްސީއާއި ހަތަރުވަނާގައި އޮތް ޓޮޓެންހަމްއާއި ދެމެދު މިހާރު ވެސް 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ރޭ މެޗުގައި ވެސް ޗެލްސީއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ޓޮޓެންހަމުން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅެފައެވެ. މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ އޮލިވަރ ސްކިޕްއެވެ.
މެޗުގެ ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި އެރިކް ޑަޔަރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކޭންއެވެ. މިއީ ކޭން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި 20 ވަނަ ލަނޑެވެ. ކޭން މި ވަނީ ޖެހިޖެހިގެން ނުވަ ސީޒަނުގައި މަދުވެގެން ކޮންމެ އަހަރެއްގައި 20 ލަނޑު ޖަހާފައެވެ.
މި މެޗުން މޮޅުވުމާއިއެކު ޓޮޓެންހަމަށް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ ލިބެނީ ކުޅުނު 25 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި 24 މެޗުން 49 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތްއިރު، 25 މެޗުން ލިބުނު 55 ޕޮއިންޓާއިއެކު ދެވަނާގައި އޮތީ ސިޓީއެވެ. އެއްވަނާގައި އޮތް އާސެނަލަށް 24 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!