މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން މެލޭޝިއާ ޖާގަ ހޯދައިފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށް ދިޔަ މެޗުގައި މެލޭޝިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން މެލޭޝިއާއިން ވަނީ ސެޓްގެ ކޮންޓްރޯލް އެއްކޮށް އަތުލައި 25/14 އިން ސެޓް ކާމިޔާބު ކޮށްފައެވެ.

Ad
rt

ދެވަނަ ސެޓްގައި ވެސް މެލޭޝިއާ ޓީމް ފެނުނީ ވަރުގަދަ ކޮށެވެ. މިގޮތުން ރާއްޖޭގެ ޓީމުން ކުރި ގިނަ އެޓޭކްތައް އެ ޓީމުން ހުއްޓުވިއިރު، ރަނގަޅު ރިސީވްތަކެއް ހަދައި މެލޭޝިއާއިން ވަނީ ކާމިޔާބު އެޓޭކްތަކެއް ކޮށްފައެވެ. މި ސެޓް މެލޭޝިއާ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25/18 އިންނެވެ.

ތިންވަނަ ސެޓް ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، ސެޓްގެ މެދަކާ ހިސާބުން މެލޭޝިއާއިން ލީޑު ފުޅާކުރިއެވެ. ނަމަވެސް ސެޓްގެ ފަހުކޮޅު ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދައްކައި ފަރަގު ކުޑަކުރި ނަމަވެސް ސެޓް ނިންމައި މެލޭޝިއާއިން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. ތިންވަނަ ސެޓް ނިމިފައި ވަނީ 25/23 އިންނެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ސެމީގެ ޖާގަ ހޯދި އަފްގާނިސްތާން ވަނީ ސެމީގައި ސިންގަޕޫރުގެ އަތްދަށުވެ މުބާރާތުން ކަޓާފައެވެ. މިއަދު މެންދުރު ފަހު ކުޅުނު ސެމީގައި ސިންގަޕޫރުން އަފްގާނިސްތާން ބަލިކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައި ވަނީ 25/18، 25/22، 25/22 އިންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ މެލޭޝިއާއާއި ސިންގަޕޫރެވެ.