ތ. ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުރުނީގައި ރުކެއް ކަނޑައި، އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:44 ގައެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
‘’އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައި ކަމަށް މަޢުލޫމާތު ލިބޭ، ތިން މީހުންނަށް ދަނީ ފަރުވާދެމުން’’ ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ ތިން މީހުންގެ ތެރެެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ނިޔާވި މީހާގެ ހަށިގަނޑާއި، އަނިޔާވި އަނެއް ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ އިދާރާއިން ގެންދަވަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!