އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ ތަގުރީރުކުރައްވަމުން ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން އިއުލާނުކުރެއްވި 'ސްޓްރެޓިޖިކް އެކްޝަން ޕްލޭން' ގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވޭ. މި ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީއަށް އިސްކަންދޭނެ ކަންތައްތަކާއި، އިސްކަންދޭނެ ގޮތުގެ މައި ނާރެސް،"
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ އެ ދާއިރާއާ ގުޅުންހުރި ތަންފީޒީ އޮނިގަނޑުތައް ހަރުދަނާ ކުރުމަކީވެސް ސަރުކާރުން އިންކަންދޭ ކަމެއް ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ، ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަމާއި އެ ދާއިރާގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅޭ ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
އެގޮތުން "މި ދެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ރާއްޖެއިން ބައިވެރިވެފައިވާ އައިއެމްއޯގެ މުއާހަދާތަކާއި އެއްބަސްވުންތަކުގައިވާ ގޮތުގެ މަތިން. އަދި އައިއެމްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް މި ސަރުކާރުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭ،"
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!