ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމާމެދަކު ޝައްކެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މީގެ އިތުރުން ޚިޠާބުގައި ބުނެފައިވަނީ ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ ޢަޤީދާއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަކީ، މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަންތައް ކަމުގައެވެ.

Ad
rt

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިއަންނަނީ، މީގެ 893 އަހަރު ކުރިން، ޝިރުކާއި ކުފުރުގެ ބާޠިލު ޢަޤީދާ ދޫކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެންދިޔަ މަތިވެރި ހަނދާންތަކެވެ. މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، މަރުޙަބާ ދަންނަވައި، ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ މި ރާއްޖެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދު ނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކާއި ވަސީލަތްތައް، ގުނައި ޢަދަދު ނުކުރެވޭހައި ގިނަކަމަށާއި އެ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، އަޅުގަނޑުމެންގެ ހިތްތައް އުޖާލާކޮށްދެއްވުންކަމަށާއި އެހެންކަމުން، އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ބުނެފައިވެއެވެ.

މިޚިޠާބުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އައުކުރާއިރު، އެމަތިވެރި ނަސީބު އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާމެދު ވިސްނަންޖެހެއެވެ. ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަންވެސް، ހަނދާނުގައި ބަހައްޓަންޖެހެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ޔަޤީނެވެ. އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންނެވެ.