މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މެލޭޝިއާ ބަލިކޮ ރާއްޖޭގެ އަންހެން ޓީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފޯރިގަދަ މެޗު ނިމިގެން ގޮސްފައި ވަނީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ފުރަތަމަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25/23 އިންނެވެ.
ނަމަވެސް ދެވަނަ ސެޓްގައި މެލޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް 25/17 ސެޓް ކާމިޔާބު ކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓްގައި ވެސް ދެ ޓީމްގެ ފަރާތުން ބޮޑު ވާދަވެރި ކަމެއް ފެނިގެންދިޔައިރު، ތިންވަނަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25/23 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓްގައި ގިނަ ވަގުތު ތަކުގައި މެލޭޝިއާ ޓީމް ފެނުނީ ވަރުގަދަ ކޮށެވެ. ނަތީޖާއެއްގެ ގޮތުން މެލޭޝިއާއިން ވަނީ ހަތަރުވަނަ ސެޓް 25/21 އިން ކާމިޔާބު ކޮށްފައެވެ.
ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓްގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 15/9 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މިއީ ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ވަނީ ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ.
ރާއްޖޭގެ އަންހެން ޓީމް ފައިނަލުގައި މާދަމާ ހަވީރު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!