ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާއަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް އޭނާ ބުނެފިއެވެ.
ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރި ތޯމަސް ޓުޗެލް އެ މަގާމުން ދުރުކޮށް ގްރަހަމް ޕޮޓާ ޗެލްސީގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މީގެ ހަމަހެއްހާ ދުވަސް ކުރިންނެވެ.
ޕޮޓާ ހަވާލުވިފަހުން ޗެލްސީގެ ނަތީޖާތައް ފާއިތުވި ސީޒަންތަކުގައި ދަށަށް ނުދާވަރަށް ވަނީ ދަށަށް ގޮސްފައެވެ. ވުމާއެކު އެ ޓީމްގެ ސަޕޯޓަރުން ވެސް އަންނަނީ އެކި ޕްލެޓްފޯމް ތަކުގައި ޕޮޓާއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ޕޮޓާއަށް މަރުގެ އިންޒާރު ދީފައިވާކަން ހާމަކުރަމުން އޭނާ ބުނެފައި ވަނީ އޭނާއަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުދީ ފޮނުވާފައިވާ މެއިލްތަކެއް ލިބިފައިވާ ކަމަށެވެ. އެއީ އޭނާ އެދޭގޮތް ނޫންކަން ހާމަކުރަމުން ޕޮޓާ ބުނެފައި ވަނީ އެފަދަ އިންޒާރުތަކެއް އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުމަކީ އެކަމާއި މެދު ވިސްނައިނުލާ ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ މިހާތަނަށް 25 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ އެންމެ ނުވަ މެޗުންނެވެ. އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީވެސް ދެ މެޗުންނެވެ. މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ ދިހަވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 23 މެޗުން 31 ޕޮއިންޓެވެ. ޗެލްސީއާއި ހަތަރުވަނާހައި އޮތް ޓީމާއި ދެމެދު މިހާރު ވެސް 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ޗެލްސީ މާދަމާ ރޭ ޕްރިމިއާ ލީގުގައި ނުކުންނާނީ ޓޮޓެންހަމްއާއި ދެކޮޅަށެވެ. މިއީ ފޯމް ދަށްވެފައިވާ ޗެލްސީއަށް ހަމަމަގަށް އައުމަށް ކާމިޔާބު ކުރުން މުހިންމު މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!