ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި ޔޫތު ފްރެންޑްސް ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ.

ގޭމް ވީކް ފަހެއްގެ ފުރަތަމަ މެޗުގައި އިއްޔެ ޔޫތު ފްރެންޑްސްއާއި ރޫޙް ބައްދަލުކުރި މެޗު، ޔޫތު ފްރެންޑްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ޔޫތު ފްރެންޑްސް އިން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ އަލީ ހައިޝަމް، އަހްމަދު ޒަޔާންގެ އިތުރުން މުޙައްމަދު މަފާޒެވެ. ރޫހް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ އަބްދުﷲ އަބްދުއްރަޝީދުއެވެ.

މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޔޫތު ފްރެންޑްސް އެއްވަނާގައި އޮތްއިރު، ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވި ރިއަލް ސްޓާސްއާއި ޔުނީފޯމަށް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ރޫހާއި ޝީލްޑްގެ އިތުރުން އަހުލީއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ފަލްކަންއެވެ.

ގޭމް ވީކް ފަހެއްގެ ދެވަނަ މެޗު މިއަދު ހަވީރު އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޔުނީފޯމާއި ފަލްކަންއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.

މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.