ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ޤަވާޢިދުގައި އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާ މަޤާމުތަކުގެ އިންތިޚާބު މާދަމާ ބާއްވަން ނިންމައިފިއެވެ.

އެ އިންތިޚާބު ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މިރެއެވެ. ނަމަވެސް އެކަމަށް އިންތިޚާބީ ކޮމެޓީ އެކުލަވާލުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަންދޫބުން ފާޅުކުރި ޚިޔާލުތަކަށް ރިޔާއަތްކޮށް އެ ވޯޓު މާދަމާ ކުރިއަށްގެންދަން ޖޭޕީގެ ޤައުމީ ކޮންފަރެންސުން ވަނީ ނިންމާފައެވެ.

Ad
rt

އެ ގޮތައް ނިންމީ ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމުން ބައެއް މަންދޫބުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

ފޮޓޯ ޖެހި ވޯޓު ކަރުދާސް ޗާޕުކޮށް މާދަމާ ހެނދުނު 9:00 ގައި ވޯޓުލާ ސެޝަން ކުރިއަށް ގެންދަން ޖޭޕީ ކޮންގްރެސްއިން ވަނީ ނިންމާފައެވެ.

ވޯޓުލުމުގެ ކަންތައް ކުރިއަށްގެންދާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަން ޗެއާ އަކަށް އިންތިޚާބުކޮށްފައި ވަނީ ކުރީގެ ވަޒީރެއް ކަމަށްވާ ޑރ. މަހްމޫދު ޝައުގީ އެވެ. ޑެޕިއުޓީ ޗެއާ އަކަށް އައްޔަނުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ، ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދެވެ.

އިންތިޚާބާބެހޭ ކޮމެޓީގެ ތިން މެންބަރުން ވެސް މި ދަންފަޅީގައި ވަނީ އިންތިޚާބުކޮށްފައެވެ. އެ ކޮމެޓީއަށް އިންތިޚާބު ކުރީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން އާއި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީގެ އިތުރުން ހެލްތް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޝާޙް މާހިރެވެ.

ޖޭޕީ ޤައުމީ ކޮންފަރެންސްގެ މިއަދު ހަވީރު ދަންފަޅީގައި ވަނީ އެ ޕާޓީގެ ކައުންސިލުން އެމްޑޯޒްކޮށްފައިވާ އާ އަސާސީ ޤަވާއިދު ވެސް ފާސްކޮށްފައެވެ.