ކްރޮއޭޝިއާގެ ޑިފެންސުގައި މޮޅު ކުޅުމެއް ދައްކަމުން އައި އެ ޓީމްގެ ތަޖުރިބާކާރު ޑިފެންޑަރ ލޮވްރެން އުމުރުން 33 އަހަރުގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ލޮވްރެން ފުރަތަމަ ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ކުޅެފައި ވަނީ 2009 ވަނަ އަހަރުއެވެ. މިގޮތުން އޭނާ ވަނީ ފާއިތުވި 14 އަހަރު ތެރޭ ޤައުމީ ޖޯޒީގައި 78 މެޗު ކުޅެފައެވެ.
2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުނު ކްރޮއޭޝިއާ ޓީމްގެ ފަހަތުގައި ވެސް ލޮވްރެން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެއިތުރުން ގަތަރުގައި ނިމުގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ކްރޮއޭޝިއާ ޓީމްގައި ވެސް ލޮވްރެން ހިމެނެއެވެ.
ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކުރުމަށް ފަހު އޭނާ ބުނެފައި ވަނީ ރަތާއި ހުދު ހިމެނޭ ކްރޮއޭޝިއާގެ ޤައުމީ ޖޯޒީގައި ބޮޑެތި މުބާރާތް ކުޅުމަކީ އޭނާ އެންމެ ކުޑައިރު ވެސް ދެކެމުން އައި ހުވަފެނެއްކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ ކްރޮއޭޝިއާގެ ލޯގޯޖެހި ޖޯޒީ ފުރަތަމަ އޭނާ ލީ، އޭނާގެ އުމުރުން ނުވަ އަހަރުގައި ކަމަށާއި އެއީ ފިލައި ނުދާނެ ހާއްސަ އިހުސާސެއް ކަމަށެވެ.
ކްރޮއޭޝިއާގެ ކޯޗް ޑަލިޗް ލޮވްރެންއާއި ގުޅޭގޮތުން ބުނެފައި ވަނީ ލޮވްރެންއަކީ މުޅި ކޮރޭޝިއާ ޓީމް މޯޓީވޭޓް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުޅުންތެރިޔެއް ކަމަށާއި އަދި އޭނާއަކީ ލޮކަރ ރޫމްގައި ލީޑަރެއް ކަމަށެވެ.
ލޮވްރެން މިހާރު ކުޅެމުން އަންނަ ކުލަބަކީ ފްރާންސް ލީގުގެ ލިޔޯންއެވެ. ކުލަބް ފުޓްބޯޅައިގައި އޭނާގެ ކާމިޔާބީތައް ގުޅިފައި ވަނީ ޕްރިމިއާ ލީގުގެ ލިވަޕޫލާއެވެ. ލިވަޕޫލުގައި ހޭދަކުރި ހަ އަހަރުގެ ތެރޭ އޭނާވަނީ ލިވަޕޫލާއިއެކު ޗެމްޕިއަންސް ލީގްގެ އިތުރުން ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!