ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މާހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ވަނީ އިންސާނެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑެކެވެ.

Ad
rt

އެ ހަށިގަނޑު ފެނިފައި ވަނީ، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްނެވެ. އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. މީގެ ތެރެއިން ނިޘާމް ވަނީ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ބަންގްލަދޭޝް މީހާ ފެނިފައިވާކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައެއް ނުވެއެވެ.

ކަންމިހެން ހިނގާފައިވަނިކޮށް ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު، ވ. އަތޮޅު ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނުމުން އެއީ ކާކުތޯ ދެނެގަތުމަށް އެ ހަށިގަނޑުގެ ސާމްޕަލް ވަނީ ނަގާފައެވެ. ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މާހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެއީ އޮޔާ ރާއްޖެ ސަރަހައްދަށް އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް ބައިނަލްއަގްވާމީ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.