ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގި އެއް ރަށަކީ ހދ. ނޮޅިވަރަންފަރެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެރަށުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

Ad
rt

މި މަހު 20 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަން ތިނަދޫގައި ހިންގާފައި ވަނީ މަހު 21 ވަނަ ދުވަހުއެވެ. އެއީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

''އެ އޮޕަރޭޝަނުގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވޭ'' ފުލުހުން ވިދާޅުވެފަވެއެވެ.

ނޮޅިވަރަންފަރުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.