މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ޅ. ހިންނަވަރު ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ބްރޯޑްކޮމް އިން މިހާރު ކުރަމުންދާ ''ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ - ފާދިއްޕޮޅު ދަތުރު''ގެ ތެރެއިންނެވެ.
ބްރޯޑްކޮމް އިން ވިދާޅުވެފައިވާގޮތުގައި އެ ކޮމިޝަނުން މިހާރު ފާދިއްޕޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހިންނަވަރު ކައުންސިލާއި ބައްދަލުކޮށް އެ ކައުންސިލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
ހިންނަވަރު ރަށު ކައުންސިލް އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއެވެ. ހިންނަވަރު ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޝާފިޢުއެވެ.
މި ފަހުމުނާމާއަކީ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން މި ދެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.
ހިންނަވަރު ކައުންސިލާއެކު ބްރޯޑްކޮމް އިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ބްރޯޑްކޮމް ޓީމުން މަޢުލޫމާތު ޙިއްސާކުރެއްވި ކަމަށް ބްރޯޑްކޮމް އިން ވިދާޅުވެފަވެއެވެ.
''ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާ ރީބްރޯޑްކަސްޓްކުރުމުގެ ލައިސަންސް ނެތި ރަށްރަށުގައި މި ޚިދުމަތް ދިނުމުން ހުށަހެޅޭ މައްސަލަ ބެލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރެއްވި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ތަޢާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި'' ބްރޯޑްކޮމް އިން ވިދާޅުވެފަވެއެވެ.
ހިންނަވަރު ކައުންސިލާއެކު ބްރޯޑްކޮމް އިން ސޮއިކުރި ފަހުމުނާމާއަކީ އެ ކޮމިޝަނާއި ރަށު ކައުންސިލަކާ ދެމެދު މިގޮތަށް ސޮއިކުރި ފުރަތަމަ ފަހުމުނާމާކަމަށް ވެސް ބްރޯޑްކޮމް އިން ވިދާޅުވެފައެވެ.
ބްރޯޑްކޮމްގެ ފާދިއްޕޮޅު ދަތުރުގައި ބައިވެރިވަނީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް މުހައްމަދު ފަޒީން އާއި، ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ އާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓާ ހައްވާ ޒާހިރާގެ އިތުރުން މޮނިޓަރިން އޮފިސާ މުހައްމަދު ޒައީމެވެ.
މި ދަތުރުގެ މަގްސަދަކީ ބްރޯޑްކޮމްގެ ދައުރާއި، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރިކޮށް، ރަށު ކައުންސިލްތަކާއި ބައްދަލުކޮށް، އެކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާތަކުގައި ސޮއިކޮށް، ރީބްރޯޑްކާސްޓިން ޚިދުމަތްދޭ ގޮތް މޮނީޓާކޮށް، ރަށްރަށުގައި ހުރި އެ ޚިދުމަތްދޭ ސްޓޭޝަންތައްކާއި، ޚިދުމަތް ލިބިގަންނަ ބައެއް ގޭބިސީތަކަށް ޒިޔާރަތް ކުރުން ކަމަށް ބްރޯޑްކޮމް އިން ވިދާޅުވެފަވެއެވެ.
މިމަހުގެ 21 އިން މިއަދުގެ ނިޔަލަށް އެ ކޮމިޝަނުން ކުރާ މި ދަތުރުގައި މިހާތަނަށް ޅ. ނައިފަރު، ހިންނަވަރު އަދި އޮޅުވެލިފުއްޓަށް ޒިޔާރަތްކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!