ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދުގެ 88 ވަނަ މެރަތަން ދުވުމަށް މާދަމާ ފުރާނެއެވެ.
އިންޑިއާގެ ނިއުދިއްލީގައި އޮންނަ 'އެޕޯލޯ ޓަޔަރ ނިއުދިއްލީ މެރަތަން 2023' ގައި ބައިވެރިވުމަށް ނަސްރު ފުރުމަށް ނިންމާފައިވަނީ މާދަމާ މެންދުރުއެވެ.
'ތިލަދުން' އަށް ނަސްރު ބުނީ މިފަހަރުގެ އުއްމީދަކީވެސް 4 ގަޑިއިރަށްވުރެ އަވަހަށް މެރަތަން ނިންމުން ކަމަށެވެ.
"މިފަހަރުވެސް މިބަލަނީ 4 ބްރޭކް ކުރެވޭތޯ." ނަސްރު ބުންޏެވެ.
މި މަހުގެ 26 ވާ އާދިއްތަ ދުވަހު އޮންނަ އެޕޯލޯ ޓަޔަރ ނިއުދިއްލީ މެރަތަން 2023' ގައި ރާއްޖޭގެ 'ފިޓް ރަނަރސް' އިން ވެސް 3 ދުވުންތެރިން ބައިވެރިވުމަށް މާދަމާ ފުރާނެއެވެ. އޭގެތެރެއިން ދެ ދުވުންތެރިން ހާފް މެރަތަން ދުވާއިރު، އަނެއް ދުވުންތެރިޔާ ދުވާނީ 5 ކިލޯމީޓަރެވެ.
އޭނާ މިހައިތަނަށް ދުވެފައިވާ ގިނަ މެރަތަން 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމާފައިވާއިރު، މިއީ ނިސްބަތުން ވަރަށް މަދު މީހަކަށް ނޫނީ ނުވާ ކަމެކެވެ. އެއީ މެރަތަން ދުވާ މީހުންގެ ތެރެއިން 4 ގަޑިއިރަށް ވުރެ އަވަހަށް ނުވަތަ 4 ބްރޭކް ކުރެވެނީ 20 އިންސައްތަ މީހުންނަށް ކަމަށްވާތީއެވެ.
ދުބާއީގައި މި ފެބްރުއަރީ މަހު މެރަތަން ވެސް ދުވެފައިވާ ނަސްރު، އެ ރޭސް ނިންމާފައިވަނީ 3 ގަޑި 36 މިނެޓުންނެވެ.
ނިއު ދިއްލީ މެރަތަން އަށް ފަހު، ތުރުކީގައި އަންނަމަހު އޮންނަ މެރަތަންގައި ވެސް ނަސްރު ވަނީ ދުވަން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!