މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގައި ހއ އަތޮޅު ފައިނަލުން ފިއްލަދޫއާއި އުތީމް ޖާގަ ހޯދިއިރު، ހދ އތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ފިއްލަދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން މުރައިދޫ ބަލިކޮށްގެންނެވެ. ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އެ ޓީމްގެ އަހުމަދު ހުސާމްއާއި އިބްރާހިމް ފަޒީލުއެވެ. މުރައިދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އިޔާން އަހުމަދު ރަޝީދުއެވެ.

Ad
rt

މުބާރާތުގެ ފައިނަލުން އުތީމް ޖާގަ ހޯދާފައި ވަނީ ސެމީފައިނަލުގައި ވަށަފަރު ބަލިކޮށްގެންނެވެ. މި ދެ ޓީމަ ބައްދަލުކުރި ސެމީގެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނުއިރު، އުތީމް މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 އިން ވަށަފަރު މައްޗަށް ކުރި ހޯދައިގެންނެވެ.

ހދ.އަތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 3-1 ގެ ނަތީޖާއިން ކުމުންދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު އަސްލަމް ދެ ލަނޑު އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެއް ލަނޑެވެ. ކުމުންދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އެ ޓީމްގެ އަބްދުﷲ ހަސަންއެވެ.

އަތޮޅު ފައިނަލުން ނޭކުރެންދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ އަލީ އިފާޒާއި މުހައްމަދު ވިލްފްއެވެ. ނެއްލައިދޫފއި ލަނޑު ޖަހައިދިނީ އަހުމަދު ރީހާންއެވެ.

ފިއްލަދޫއާއި އުތީމް ބައްދަލުކުރާ ހއ އަތޮޅު ފައިނަލް މެޗު ކުޅުމަށް ހަމަޖެޖިފައި ވަނީ މިރޭ 20:00 ގައި ރެހެންދި ފުޓްސަލް ދަނޑުގައެވެ. އަދި ނައިވާދޫއައި ނޭކުރެންދޫ ބައްދަލުކުރާ ހދ އަތޮޅު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައި ރެހެންދި ފުޓްސަލް ދަނޑުގައެވެ.