މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، ދޯނި އަޑިއަށް ގޮސް އެ ދޯނީގެ ފަޅުވެރިން ކަނޑުވުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައި ވަނީ "ނޫރު-2" ނަމަކަށްކިޔާ ދޯންޏެކެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 07:15 ހާއިރުއެވެ.
މި ހާދިސާ ހިނގި އިރު މި ދޯނި އޮތީ ލ. މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުގައެވެ. އެ ދޯނި އޭރު ދަތުރުކުރަމުން ދިޔައީ ރ. އަތޮޅުން ފުރައިގެން ރޮބިންސަން އައިލެންޑް ރިސޯޓަށް ދިޔުމަށެވެ.
''މިހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައި،'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ދޯނީގައި ތިބީ 4 ފަޅުވެރިންނެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. ސިފައިން އެމީހުން ސަލާމަތްކުރީ ކަނޑުވެފައި ތިއްބައެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ކަނޑުމަތިން އެމީހުން ފެނުނީ ލ. މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ނެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް އެމީހުން ނަގައިގެން މިހާރު ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!