ޖަރުމަނު ލީގުގައި ރޭ ޗެމްޕިއަން ބަޔާން މިއުނިކާއި ބުރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުން، ބަޔާން ބަލިވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެއްޖެއެވެ.

ރޭ ބުރޫޝިއާ މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ބަޔާންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި އެ ޓީމަށް ވަނީ ކުރިމަތިވެފައެވެ. ބަޔާނަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޔޫނިއަން ބާލިން އަށް ވަނީ 20 މެޗުން 42 ޕޮއިންޓް ލިބިފައެވެ. މިރޭ ޔޫނިއަން ބާލިން އަމިއްލަ ދަނޑުގައި ޝާލްކޭއާއި ދެކޮޅަށް ނުކުންނައިރު އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު މިހާރު އެ ޓީމަށް އެބައޮތެވެ.

މީގެއިތުރުން މިރޭ ބްރޫޝިއާ ޑޯޓްމަންޑާއި ހާތަބާލިން ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓްގެ ގޮތުން ބަޔާނާއި އެއްވަރު ކުރުމުގެ ފުރުޞަތު ޑޯޓްމަންޑަށް ވެސް ވަނީ ތަނަވަސް ވެފައެވެ. ބަޔާން އަތުން މޮޅުވި ބުރޫޝިއާ މުންޗެންގްލަޑްބެކް މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.

މި މެޗުގެ ބޮޑުބައި ބަޔާނުން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 8 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރ އުފަމެކާނޯއަށް ރަތްކާޑު ދެއްކިއިރު، އޭގެ ހަތަރު މިނެޓް ފަހުން މުންޗެންގްލަޑްބެކް އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ބަޔާންގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ހޮފަމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލާސް ސްޓިންޑިލްއެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި އަލްފަންސޯ ޑާވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޗޫޕޯ މޯޓިންއެވެ.

މުންޗެންގްލަޑްބެކް އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައ ވަނީ 55 ވަނަ މިނެޓުގައި ހޮފްމަން ކާމިޔާބުކުރި ލަނޑުންނެވެ. އެއަށްފަހު 84 ވަނަ މިނެޓުގައި މާކަސް ތުރަމް ވަނީ ލަނޑުޖަހައި މުންޗެންގްލަޑްބެކް އަށް ލީޑު ފުޅާ ކޮށްދީފައެވެ. ބަޔާނުން ދެވަނަ ލަނޑު މެޗުގެ އިތުރުވަގުތުގައި ޖަހާފައި ވަނީ މަތީސް ޓެލް އެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗް ނާގަލްސްމަން ބުނެފައި ވަނީ ބަޔާނުން މެޗު ފަށާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ގޮތުން މެޗުގެ ފުރަތަމަ ހަތްވަރަކަށް މިނެޓްގެ ތެރޭ ދެ ލަނޑުގެ ލީޑެއް ނަގާނެ ރަނގަޅު ދެ ފުރުޞަތު ވެސް އެ ޓީމުން ތަނަވަސް ކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެއްވެސް އޮޅުމެއް ނެތްގޮތުގައި މިއީ މި އަހަރު އެންމެ ރަނގަޅަށް ފެށުނު އެއް މެޗު ކަމަށާއި ނަމަވެސް މެޗުގެ ކުރީކޮޅު ދެއްކި ރަތްކާޑަށް ފަހު މުންޗެގްލަޑްބެކް އިން ލީޑު ނެގިނަމަވެސް އެ ބަޔާނުން ނަތީޖާ ހަމަހަމަ ކުރި ކަމަށެވެ. ދެވަނަ ހާފު އެ ޓީމުން ފެށީ ރަނގަޅަށް ކަމަށާއި މެޗުގެ ކޮންޓްރޯލް ވެސް އެ ޓީމް އަތުގައި އޮތްނަމަވެސް ބައިކޮޅަށް ވަތް ލަނޑާއިއެކު އެއް ކުޅުންތެރިއަކު މަދުކޮށް އޮވެ ފަހަތުން އަރައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ.