އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުތަކުން އާސެނަލް މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެ ޓީމް ޖެހިލައިފިއެވެ.
މިރޭ އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކޭޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލީ ވަޓްކިންސްއެވެ. ނަމަވެސް އޭގެ ދިހަ މިނެޓް ފަހުން އާސެނަލްގެ ބުކަޔޯ ސަކާ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ވިލާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 32 ވަނަ މިނެޓުގައި އެލެކްސް މޮރޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކޫޓީނިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ވިލާ ކުރީގައި އޮވެގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް އާސެނަލުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 61 ވަނަ މިނެޓުގައި ޒިންޗެންކޯ ކާމިޔާބުކުރި ލަނޑުންނެވެ. އޮޑެގާޑް ވިލާގެ އޭރިއާ ބޭރުގައި ހުރި ޒިންޗެންކޯއަށް ކުޅުނުވަގުތު އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގައި ފުރަތަމަ ފަހަރަށް އާސެނަލަށް ލީޑު ލިބިފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުތެރޭގައި ވިލާގެ އޭރިއާ ބޭރުން އާސެނަލްގެ ޖޯޖީނިއޯ ފޮނުވާލި ހަމަލާ ހުރަސް ދަނޑީގައި ޖެހިފައި ނުކުތްވަގުތު ވިލާގެ ކީޕަރު މާޓިނޭޒް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑުންނެވެ.
މެޗުގައި އާސެނަލުން ހަތަރުވަނަ ލަނޑު ޖަހާފައި ވަނީ ވިލާއަށް މެޗުގެ އިތުރުވަގުތުގެ ވެސް ފަހުވަގުތު ލިބުނު ކޯނަރަކަށް ވިލާގެ ކީޕަރު މާޓިނޭޒް ކުރިއަށް އެރިވަގުތު އާސެނަލުގެ ފަބިއޯ ވިއެރާ ބޯޅަ ހޯދައި މާޓިނެއްލީއަށް ކުޅުނު ބޯޅައަކުން ތަނަވަސްވީ ހުސް ފުރުޞަތެއްގައެވެ.
އާސެނަލް މި މެޗުން މޮޅުވެފައި މިވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައިނުވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އާސެނަލް ދެ މެޗުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މިރޭ މެންޗެސްޓާ ސިޓީއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެފައިވާއިރު، އެ ޓީމުން މެޗުގައި ލީޑު ނަގާފައި ވަނީ 41 ވަނަ މިނެޓުގައި ގްރީލިޝް ދިން ޕާހަކުން ބާނާޑޯ ސިލްވާ ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ނަތީޖާ ފޮރެސްޓުން ހަމަހަމަ ކޮށްފައި ވަނީ 84 ވަނަ މިނެޓުގައެވެ. މި ލަނޑު ގިބްސް ވައިޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސް ވުޑްއެވެ.
މި ނަތީޖާއައިއެކު ސިޓީއަށްވުރެ އެއް މެޗު މަދުންކުޅެ އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. އާސެނަލްއަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް 24 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!