އަންނަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އަދާލަތު ޕާޓީ (އޭޕީ) އިން ޖަހާ ހިސާބު ދިމާވާނެ ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޠޫބާ ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމައެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަދާލަތުން ތާއީދު ކުރާނީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، މީސް މީޑިއާގައި ވަރަށް ބޮޑަށް ސަރުކާރާއި ރައީސް ޞާލިޙް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ތޫބާ ވިދާޅުވީ، އަދާލަތުން ޖަހާ ހިސާބު ދިމާވާނެ ކަމަށެވެ. އަދި އެ ޕާޓީން ވިއްކާނީ ވެސް ''އޮރިޖިނަލް ބްރޭންޑެއް'' ކަމަށް ވިދާޅުވެފަވެއެވެ.
ތޫބާ މިހެން ވިދާޅުވެފައިވާއިރު، އަދާލަތުގެ ރައީސް، ހޯމް މިނިސްޓަރު ސައިޚް އިމްރާން އަބުދުﷲ ވެސް ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ ހިމެނޭ އިއްތިހާދަކުން ކަމަށެވެ.
މީގެ އިތުރުން 2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބޭފުޅެއްކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް ޞާލިޙެވެ. ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ވަނީ ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކާ އިއްތިހާދު ވުމުގެ ބާރު ދޫކޮށްލާފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވަން ޓިކެޓް ދީފައި ވަނީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމަށެވެ. މީގެ އިތުރުން އެމްއެންޕީއިން އެ ޕާޓީގެ ރައީސް ދަނގެތީދާއިރާގެ މެންބަރު ކާނަލް ނާޒިމް ރިޔާސީ ރޭހަށް ނުކުންނަވާއިރު، ޖުމްހޫރީ ޕާޓީން އަދި އިންތިޚާބުގައި ވާދަކުރާނެ ގޮތެއް ނުނިންމައެވެ. ދެން ރިޔާސީ އިންތިޚާބަށް ނުކުންނަވާނެކަން ޢިއުލާން ކުރައްވާފައި ވަނީ އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުޙައްމަދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!