އަންނަ ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)އިން ކޯލިޝަން ހެދުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިގޮތައް ފާސްކުރީ މިރޭ މާލޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރައީސަށް އެ ބާރު ދިނުމަށް ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ރައީސަށް އެ ބާރު ދިނުމަށް ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ. ނާޝިޒުގެ ގަރާރުގައި ވަނީ، ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާ ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވުމަށް ފެނިއްޖެނަމަ އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި ޕާޓީގެ ފަރާތުން އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަށް ގައުމީ މަޖިލިސް އިގުރާރުވާ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު، އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް މިރޭ ދިންއިރު މި ނިންމުން ނިންމި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!