ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަޣުލަބިއްޔަތުން އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކާމިޔާބުކުރައްވާފައެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ރައީސް ޞާލިޙަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރަން އެމްޑީޕީން ދަނީ ތައްޔާރު ވަމުންނެވެ.

Ad
rt

މި ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ޕޮލިސް ބޯޑުގެ މެންބަރު، އެމްޑީޕީގެ ކުރީގެ އިންޓަނޭޝަނަލް ސްޕޯކްޕާސަން ހާމިދު އަބްދުލްޣަފޫރެވެ.

މި މައްސަލާގައި ހާމިދުގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ނަޝީދުގެ ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދެވެ.

މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވާއިރު އެ މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށް ހާމިދުގެ މި މައްސަލާގައި އެދިފަވެއެވެ.