ބޮޑު ޗުއްޓީއާ ދިމާކޮށް ނައިޓް މާކެޓް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
ނައިޓް މާކެޓް ބޭއްވޭނީ އަންނަ ޑިސެންބަރު މަހުގެ 10 އިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ދެމެދުކަމަށާއި އެގޮތުން، މި މުއްދަތުގައި ނައިޓް މާކެޓް ކުރިއަށް ގެންދެވޭނީ ހަތް ދުވަހަށް ވުރެ އިތުުރު ނުވާނެ ގޮތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދެވޭނީ އަހަރަކު ދެ ފަހަރު ކަމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޝައުބާން މަސް ތެރޭގަ އާއި ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާގިތަށްވަނީ ނިންމާފައެވެ.
އިކޮނޮމިކް މިނިސްޓްރީން މި އަހަރުގެ ޖޫން މަހު ވަނީ މަގުމަތީ ބާޒާރުތަކާއި ނައިޓް މާކެޓު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމަށް އުސޫލެއް ކަނޑައަޅާ އެ އުސޫލުގެ ދަށުން ނައިޓް މާކެޓުތަކުގައި ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާކަމުގައި ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!