ސްޓެލްކޯއަކީ އެންމެ ފުރަތަމަ ކޮރަޕްޝަނާއި އިދިކޮޅަށް މަސައްކަތް ފެއްޓެވި ކުންފުނި ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމީޓީގައި އެ ކޮމިޓިގެ މުގައްރިރުގެ ނައިބު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ އަދިވެސް ރަށުތެރޭގައި ކުންފުނީގެ ޕްރޮކިއުމެންޓްގައި ކޮރަޕްޝަންގެ އަމަލުތަށް ކުރަމުންދާކަމަށް އަޑު އިވޭކަމަށް ވިދާޅުވެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢުނީ ވިދާޅުވީ ކުންފުންޏާއި ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށާއި އެންމެ ފުރަތަމަވެސް އިސްކަމެއް ދެއްވައިގެން ކުރެއްވިކަމަކީ ކޮރަޕްޝަނަށް ހުށަހެޅިފައިވާ ދޮރުތަށް ބަންދުކުރުމުގެ މަސައްކަތްކަމަށެވެ.
މީގެ ކުރިންވެސް މި ސަރުކާރު އައުމުގެ ކުރިންވެސް ޕްރޮކިއުމެންޓްގެ ބައެއް ވާހަކަތަށް އަޑުއިވުނު. ކުރީގައި ހިނގި ކަމެއް އޮވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެން ވާނީ ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށްފައި. އަޅުގަނޑު ކުންފުންޏާއި ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު. ފުރަތަމަކަމަށް އަޅުގަނޑުމެން ކުރަން ފެށިކަމަކީ އެފަދަ ކަންތައްތަކަށް އެއްވެސް ދޮރެއް ހުޅުވިފައި ހުރެއްޖެއްޔާމުން އެ ދޮރެެއް ބަންދުކުރުމުގެ މަސައްކަތް. ސްޓެލްކޯއަކީ ފުރަތަމަ ކުންފުނި ހުރިހާ މުވައްޒަފުން ކޮރަޕްޝަނާއި ދެކޮޅަށް ވައުދެއްގައި ސޮއިކުރި. މިވަރަށް މުވައްޒަފުން ހުރި ދެވަނަ ކުންފުންޏެއް އަޅުގަނޑަށް އެނގިގެން ނެތް. ހުރިހާ މުވައްޒަފުން ފަރުދީ ހައިސިއްޔަތަކުން ކޮރަޕްޝަނާއި އިދިކޮޅަށް އެއްބަސްވީ. ޖުމްލަކޮށް ކުންފުނީގެ ހުރިހާ ހިސާބަކުން އަޅުގަނޑުމެންގެ ކޮންމެ މުވައްޒަފެއްވެސް މަސައްކަތްކުރޭ އެކަހަލަ ކަމެއް ހުރެއްޖެއްޔާމުން ހުއްޓުވުމަށް. ބޭރުތެރޭގައި ވާހަކަ އެހެން ދެކެވިދާނެ. އަޅުގަނޑުމެންނަށް ސާފުކޮށްލަން އެއްވެސް ފަރާތަކުން ރިކުއެސްޓް ކޮއްފިއްޔާމުން ވަރަށް ރަނގަޅަށް ސާފުކޮށްދޭނަން.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވިއެވެ.
އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް ހުރިހާ މުވައްޒަފުން އެއްކޮށް ސޮއި ކުރި އެއް ކުންފުންޏަށް ވެގެން ދިޔުން ހެއްކަކަށް ފުދޭނެކަމަށާއި އެފަދަ އެއްވެސް ޝައްކެއް އޮތްކަމުގައި ވާނަމަ އެދުމުން އެ މައުލޫމާތުތަށް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!