ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައެވެ.

Ad
rt

މިޖަލްސާގައި 86 ބޭފުޅަކަށް އިނާމު ދެއްވަން ނިންމަވާފައިވާއިރު، އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން 113 ބޭފުޅަކު ވަނީ ނަން ހުށަހަޅުއްވާފައެވެ.

އިނާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން 2021 ވަނައަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.