ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމު އުވާނުލުމަށް އެ ޕާޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިގޮތައް ފާސްކުރީ ޖޭޕީގެ މައި މަޒުކަޒު، ކްނޫޒްގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

Ad
rt

ޖޭޕީގެ ޤައުމީ ކޮންފަރެންސް މި މަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްއަށް ހުށަހެޅުމަށް ޖޭޕީގެ އަސާސީ ޤަވާޢިދުގެ ޑްރާފްޓެއް ވަނީ އެކުލަވާލާފައިފައެވެ. މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޑްރާފްޓައް ހުށަހެޅުނު އިސްލާޙްތަކާމެދު ކައުންސިލުން ގޮތް ނިންމާފައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ޖޭޕީގެ ލީޑަރުގެ މަޤާމު އުވާލައި، ރައީސަށް އެ ބާރުތައް ދޭގޮތައް ގަވާއިދުގެ ޑްރާފްޓްގައި ހިމަނާފައިވާ އިސްލާޙެވެ. އެ އިސްލާޙާއި ގުޅިގެން ޖޭޕީގެ ލީޑަރުގެ މަގާމު މިހާރު ވެސް އޮތްގޮތަށް ބާއްވަން އެ ޕާޓީގެ މެންބަރަކު ހުށަހެޅި އިސްލާޙް މިއަދު ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ޖޭޕީގެ ލީޑަރުގެ މަގާމު އުވާނުލުމުގެ އިސްލާހު ކައުންސިލުން ފާސްކުރީ އެކަމާމެދު ދިގު ބަހުސެއް ހިންގުމަށްފަހު ހާޟިރުވެތިބި 49 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ ވޯޓުންނެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްއަށް ހުށަހެޅުމަށް އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން އެ ޕާޓީގެ ރައީސާއި، ނައިބު ރައީސްގެ މަޤާމު އުވާލަން ވެސް މިއަދު ކައުންސިލުން ފާސްކުރިއެވެ. އަދި ޑްރާފްޓް އަސާސީ ގަވާއިދުގައި އޮތް ފަސް ނައިބު ރައީސުންގެ ބަދަލުގައި ގަސް ނައިބު ލީޑަރުން ހިމެނުމަށް ވެސް ފާސްކުރިއެވެ.

މީގެ އިތުރުން ޑްރާފްޓް އަސާސީ ގަވާއިދުގައި ބޮޑެތި ބާރުތަކަކާއެކު ހިމަނާފައިވާ ލީޑަރޝިޕް ކޮމެޓީ އެ ޤަވާޢިދުން އުނިކުރަން ވެސް ވަނީ ފާސްކޮށްފައެވެ.

ޖޭޕީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ޤައުމީ ކޮންފަރެންސަށް ހުށަހެޅުމަށްޓަކައި އިތުރު އިސްލާޙްތަކާއެކު އެ ޕާޓީގެ އަސާސީ ގަވާއިދުގެ ޑްރާފްޓަށް ކައުންސިލުން މިއަދު ވަނީ ރުހުން ދީފައެވެ.