އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ދެމެހެއްޓިއިރު، ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.
ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ކްރެމޮނީސޭ ބަލިކޮށްފައެވެ.
އިޓާލިއަން ކަޕްގައި މި ދެ ޓީމް މިދިޔަ ޖަނަވަރީ މަހު ވާދަކުރި އިރު، ޕެނަލްޓީ ޖަހައިގެން އެ މެޗު ކާމިޔާބު ކޮށްފައި ވަނީ ކްރެމޮނީސޭއެވެ. ނަމަވެސް ރޭގެ މެޗުގައި ނަޕޯލީން ވަނީ ފަސޭހަކަމާއިއެކު އެ ޓީމް ބަލިކޮށްފައެވެ.
މި ސީޒަންގައި ލީގުގައި މިހާތަނަށް ނަޕޯލީން 22 މެޗު ކުޅެފައިވާއިރު އެ ޓީމު ވަނީ 19 މެޗުން މޮޅުވެފައެވެ. އެއް މެޗުން ބަލިވެފައިވާއިރު ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ.
1990 ވަނަ އަހަރަށް ފަހު އިޓާލިއަން ލީގުގެ ތަށި ކާމިޔާބު ކުރުމަށް ނަޕޯލީން މަސައްކަތް ކުރަމުން އަންނައިރު، ރޭގެ މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ ކްވަރަސްޚޭލިއާ، އޮޝީމެންގެ އިތުރުން އެލްމާސްއެވެ.
ނަޕޯލީން މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 22 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އިންޓަ މިލާނާއި ނަޕޯލީއާއި ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އިންޓައާއި ސަމްޕްޑޯރިއާ މިރޭ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު ކުޑަ ކުރމުގެ ފުރޞަތު އިންޓައަށް އެބައޮތެވެ.
ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުވެންޓަސްއެވެ.
މި މެޗުގައި ފިއޮރެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެ ޓީމަށް ޔުވެންޓަސްގެ ޑިފެންސް ފޫއަޅުވާލައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 34 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރެބިއޯއެވެ.
ޓްރާންސްފާގައި މަކަރު ހެދުމުން 15 ޕޮއިންޓް އުނިކުރި ޔުވެންޓަސް، ރޭ ލިބުނު މޮޅާއިއެކު އެ ޓީމްވަނީ ޕޮއިންޓް ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. މި މެޗުން ބަލިވި ފިއޮރެންޓީނާ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!