2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ އެ ފުރުސަތު މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް ވެސް ބުނެއެވެ.

Ad
rt

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ، ހުޅުމާލެ، ވިލިމާލޭ ގައި ދިރިއުޅޭ ފަރާތްތަކަށް، ފޯމު ހުށަހެޅުމަށް ހުޅުވައިލީ ފައިބެއަހަރުގެ ޑިސެމްބަރު 22 އިން މިއަހަރުގެ ޖެނުއަރީ 19 ގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މުއްދަތުގައި ފޯމު ހުށަހެޅި ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު މިހާރުވާނީ މެސެޖްކުރެވިފައި ކަމަށެވެ.

އެހެންކަމުން ދަފްތަރުގައި ހިމެނިފައި ނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ zakat.dhafthar@islamicaffairs.gov.mv އަށް މެއިލްކޮށްގެން ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފަރާތްތަކުން ސަބްޖެކްޓްގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި، އައިޑީކާޑު ނަންބަރު އަދި ފޯމު ނަންބަރު ހިމަނަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް 212 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އެހެންނަމަވެސް ފަގީރުންނާއި މިސްކީނުންގެ ފައިނަލް ލިސްޓު ކަށަވަރުވާނީ ޝަކުވާ ހުށަހަޅަން ދެވިފައިވާ މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ.