މިއަހަރު ބޭއްވުމަށް ނިންމާފައިވާ ގައުމީ ދިގު ފެތުމުގެ މުބާރާތް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.
މިއަހަރު މި ބާއްވަނީ 14 ވަނަ މުބާރާތެވެ. މި މުބާރާތް ފެށުމަަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ.
މި މުބާރާތް ރާވާފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
އެގޮތުން ނެޝަނަލް ކެޓަގަރީގައި 5 ކިލޯމީޓަރަށް ފަތަންޖެހޭއިރު، މި ކެޓަގަރީގައި ބައިވެރިވެވެނީ 2008 ވަނަ އަހަރު ނުވަތަ އެއަށްވުރެ އެއަށްވުރެ ކުރިން އުފަންވެފައިވާ ފަރާތްތަކަށެވެ. އަދި ޖޫނިއަރ ނެޝަނަލް ކެޓަގަރީގައި ބައިވެރިވެވެނީ 2009، 2010 އަދި 2011 ގައި އުފަންވެފައިވާ ކުދިންނަށެވެ. މި ކެޓަގަރީގައި ފަތަންޖެހެނީ 3 ކިލޯމީޓަރަށެވެ.
މީގެ އިތުރުން ސްވިމިންގ ޗެލެންޖު (ކޮމިއުނިޓީ އިވެންޓު) ގައި 1 ކިލޯމީޓަރަށް ފަތާއިރު، މި ކެޓަގަރީގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ 2011 ނުވަތަ އެއަށްވުރެ ކުރިން އުފަން ވެފައިވާ ފަރާތްތަކަށެވެ. އަދި 500 މީޓަރުގެ ކިޑްސް ސްވިމިންގ ވެސް ވަނީ ހިމަނާފައެވެ. މިއީ 2012 އިން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އުފަންވެފައިވާ ކުދިންނަށް ހާއްސަ ކެޓަގަރީއެކެވެ.
މި ހުރިހައި ކެޓަގަރީއެއް ވެސް ހުޅުވާލާފައިވަނީ ދެ ޖިންސަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގެ ބައިވެރިވުމަށް ފުރަންޖެހޭ އޮންލައިން ފޯރމް، 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
މުބާރާތުގެ މައުލޫމާތާއި ގަވާއިދު: ލިންކް
ކުޑަގިރި ޕިކްނިކް އައިލެންޑް އަކީ، މާލޭ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ސަރުކާރުން ތަރައްގީ ކޮށްފައިވާ ރަށެކެވެ. މި ރަށް ރަސްމީކޮށް ހުޅުވީ، އިއްޔެ، 11 ފެބްރުއަރީ 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!