މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައިފައިވާ ކަމަށެވެ. ނަމަވެސް ''މިހާލެއްގައި އުޅޭ ބަޔަކު ނުދެކޭ'' ކަމަށް ވިދާޅުވެފަވެއެވެ.

Ad
rt

"އަޅެ މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވޭވިއްޔާ؛ އެކަމަކު މިހާލެއްގައި އުޅޭ ބަޔަކު ނުދެކެން…" އިންތި ވިދާޅުވެފަވެއެވެ.

ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވާ އިންތިގެ ފާޑުކިޔުން އަމީނީ މަގު ހެދުމުގެ މަސައްކަތަށް އަމާޒު ކުރެއްވިއިރު، އެމްޑީޕީގެ ދެ ފެކްޝަނުންކުރެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ސަރުކާރުގެ އެކިކަންކަމަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މާލޭ އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު އާންމުންނަށް ހުޅުވާލާފައިވާ ބައި ނިންމަން އާރުޑީސީން ވަނީ އެމްޓީސީއާއި ހަވާލުކޮށްފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރީއަކީ ދައުލަތުން 80 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރައްވައިގެން 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އާރުޑީސީއާ ހަވާލުކުރި މަސައްކަތެކެވެ. އެހެންނަމަވެސް އެ މަސައްކަތްދާ ގޮތާއިމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.