ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި އެމްބާޕޭ ކުޅެފައި ނުވެއެވެ. މީގެއިތުރުން އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވެރާޓީ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

Ad
rt

ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ މޮނާކޯއިންނެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެން ޔެޑާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަލެކްސެންޑާ ގްލޮވިންއެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މޮނާކޯއިން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބެން ޔެޑާއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން މިޑްފީލްޑަރ ޒާހިރް އެމެރީ ވަނީ ލަނޑު ޖަހައި އެ ޓީމަށް އުންމީދު ހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޮނާކޯގެ ބެން ޔެޑާ ކާމިޔާބު ކުރި ލަނޑުން ދެވަނަ ފަހަރަށް އެ ޓީމުން ފަރަގު ބޮޑު ކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ބައެއް ބަދަލުތައް ގެނެސް ލަނޑުޖަހަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި މެޗުން ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑަކާއި އެކު މިވަގުތު އޮތީ ޕީއެސްޖީއެވެ. އެ ޓީމަށް 23 މެޗުން ވަނީ 54 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތީ މާސޭއެވެ. އެ ޓީމަށް 23 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް މޮނާކޯއަށް ލިބިފައި ވަނީ 23 މެޗުން 47 ޕޮއިންޓެވެ.