އައްޑޫ ސިޓީގައި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ މަޝްރޫޢުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގެންދިޔުމަށް ކުރައްވަންޖެހޭކަންކަން ކުރުމަށް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެ ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ވުޒާރައިގެ ވަޒީރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ އްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓީގެ މީހުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

Ad
rt

"އެ ކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑު އަށް މޫވް ކުރާނަން،" އެދުވަހު އަސްލަމް ވިދާޅުވެފަވެއެވެ.

އަސްލަމް މިހެން ވިދާޅުވުމުން އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން އޭނާ އަށް މަރުޙަބާ ކިޔާފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

ނަޝީދުގެ ނުރަސްމީ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި އައްޑު އަށް އަނެއްކާ ވެސް މާލެއިން އަތޮޅުވެރިޔެއް ފޮނުވަނީތޯ އޭ ވިދާޅުވެ ސުވާލު ކުރައްވާފަވެއެވެ.

އިދިކޮޅާއި، އެއްކޮޅުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ތަރިއެއް ވެސް އަރައި އޮއްސޭނެ ކަމަށެވެ. އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، އައްޑޫގައި ހިންގާ މަޝްރޫތައް ބަލަހައްޓަވައި އެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން އޭނާ ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެ ވަޑައިގަންނަވާކަމަށް ވިދާޅުވުމުން ބައެއް ފަރާތްތަކުން ޚާއްޞަކޮށް ރައީސް ނަޝީދު އޭނާއަށް ނުސީދާކޮށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަސްލަމަކީ ރައީސް ޞާލިޙް ފަޅީގައި ހުންނެވި ބޭފުޅެކެވެ.