ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން ކަމަށާއި ނަރުހުން އެ ކުރައްވަނީ، އެއަށްވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރސިން ނައު ކެމްޕޭން އިފްތިތާޙްކުރުމުގެ ގޮތުން މިރޭ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިތުރަށް ވިދާޅުވީ ނަރުހުންނާއި ބަލިމީހާއާ ދެމެދު އޮންނަ ގުޅުމަކީ، މައިންނާއި ދަރިންގެ ކުލުނުކަމަށާއި އެއީ އެއްބަނޑުއެއްބަފާ ކަމުގެ ކުލުނުކަމަށެވެ. އަދި ނަރުހުންގެ ޚިދުމަތް ބިނާވެފައި އޮންނަނީ، އޯގާތެރިކަމާއި އެކުވެރިކަމާއި އަޅައިލުމުގެ މައްޗަށް ކަމުގައި ފާހަގަކުރައްވަމުން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް، ޞިއްހީ ޚިދުމަތްތެރިންގެ 50 އިންސައްތައަކީ ނަރުހުންކަމަށާއި ރާއްޖޭގައި މިވަގުތުވެސް، 3300 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި އެބަ ތިއްބެވިކަމަށެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތެއް. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

Ad
rt

މިރޭ އިފްތިތާޙް ކުރެވުނު "ނަރސިން ނައު" ކެމްޕޭނަކީ، ރާއްޖޭގެ މިހާރުގެ ޞިއްޙީ ޙާލަތަށް ބަލާއިރު، ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައިވެސް މިއީ ވަރަށް މުހިންމު ކެމްޕޭނެއް ކަމުގައި ވިދާޅުވިއެވެ.

"މުޖުތަމަޢެއްގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި، ނަރުހުން އަދާކުރާ ދައުރަކީ، އޭގެ މުހިންމުކަމާ މެދު، އިތުރު ސުވާލެއް ނުއުފެދޭހާ ފާޅުކަން ބޮޑު ދައުރެއް. ރާއްޖޭގައި މިޒަމާނުގެ ޑޮކްޓަރީ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުމުގެ އެތައް އަހަރެއް ކުރިން، ނަރުހުންގެ ޚިދުމަތް ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިއްޖެ. އޭރު ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ދިން ބަޔަކީ، ބޭކެނބިންނާއި ކޮމިޔުނިޓީ ހެލްތު ވޯކަރުން. އެހެންވީމާ، ރާއްޖޭގެ ނަރުހުންގެ ޚިދުމަތަކީ، އޭގެ ފެށުން އެނގޭ ވަރަށް ވުރެ މާ ދޮށީ ޚިދުމަތެއް،"

ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޔުނިވަރސަލް ހެލްތު ކަވަރޭޖް"ގެ އަމާޒުތަކަށް ބަލާއިރު، އެކަންކަންވެސް މައިގަނޑު ގޮތެއްގައި ބަރޯސާވެފައި މިއޮތީ ނަރުހުންގެ ޚިދުމަތުގެ މައްޗަށްކަން ފާހަގަކުރައްވާ، ޔުނިވަރސަލް ހެލްތު ކަވަރޭޖުން ޙާޞިލްކުރަން ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ދަށްކުރުމާއި، ވިހެއުމުގެ ތެރޭގައި މައިންނާއި މަރުވާ ކުދިންގެ ނިސްބަތް ދަށްކުރުމާއި، އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް މަތިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ނައްތާލުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްކުރެވި، އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް މަތިކުރެވުމުގައި ދިވެހި ނަރުހުންގެ ދައުރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންގެ ޢަދަދުވެސް އެކަށީގެންވާ ވަރަށް ވުރެ މާ މަދުކަން ފާހަގަކުރައްވާ، މިއީ ޤައުމީ ފެންވަރުގައި އިތުރަށް ސަމާލުވާންޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވާއިރު، އެ ސަރަޙައްދުތަކަށް ބޭނުންވާ ނަރުހުން ތަމްރީންވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްޙީ މުހިންމު ޚިދުމަތްތައް އެއް ތަނަކަށް ޖަމާކޮށްފައި ހުރުމަކީ، އެޚިދުމަތް ދިނުމުގައި އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތްތައްވެސް ލާމަރުކަޒީ ނިޒާމުން ތަރައްޤީކުރަން ޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތްކުރާނެ، ވިލި ޞިއްޙީ ޚިދުމަތްތެރިން ތަމްރީންވުމުން، މި ގޮންޖެހުންތަކުގެ، ވަރަށް ބޮޑު ބައެއް ޙައްލުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ޚިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަރސިން ނައު ކެމްޕޭނަކީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ނަރުހުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ބައިނަލްއަޤްވާމީ ނަރުހުންގެ ކައުންސިލް ގުޅިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.