ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ 2018 ގައި ހުޅުމާލެ އިން މާލެ އައި ފެރީއަކުން ގެނައި ސައިކަލެއް ފުލުހުން ހުއްޓުވައި ފާސް ކުރިއިރު ސައިކަލުގެ މަޑިދަށުން 248 ގްރާމްގެ ޑްރަގް ފެނުނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން ވެރިމީހާގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތުނުވާ ކަމަށެވެ.

Ad
rt

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ރަށްޓެހިން އަތަށް ސައިކަލު ދުއްވަން ދޭ ކަމަށާއި އެހެންވެ، ސައިކަލުގެ މަޑިދަށަށް އެހެން މީހަކު އެއްޗެއް ލުމުގެ ފުރުސަތު އޮތް ކަމަށް ވެރިމީހާ ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މަސްތުވާތަކެތި މަޑިދަށުން ފެނުނުއިރު ދުއްވަން ހުރީ ވެރިމީހާ ކަމަށް ވާތީ އެ މަސްތުވާތަކެތި ހުރީ ވެރިމީހާއަށް އެނގިގެން އޭނާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ފެނިފައިވާ ޑްރަގްގެ އަދަދަށް ބަލާއިރު ވެސް މިއީ ބަޔަކު ލަނޑެއް ދިނުމުގެ ގޮތުން މަޑިދަށަށް އެއްޗެއް ލީ ކަމަށް ނުބެލެވޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެހެންވެ، އޭނާ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ ކަމަށް ހުކުމުގައިވެ އެވެ.