ކުޅިވަރުގެ ރޫޙާ ޚިލާފަށް ހިންގި އަމަލުތައް ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުންތަކެއްގެ ސަބަބުން ހިންގާފައިވާ ހަމަނުޖެހުމެއްގެ ސަބަބުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުން ކިބައިގައި އިޖުތިމާއީ އަދި އަޚުލާގީ ރިވެތި ސިފަ އަށަގެންނެވުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.
ކުޅިވަރުގެ ރޫޙާ ޚިލާފަށް ހިންގި މި ހަމަނުޖެހުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"އަދި މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑުމެން އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިޔުން،" އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ހާދިސާއާ ގުޅިގެން ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަހްލޫފު ވިދާޅުވީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުންނާއި ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން މިކަން ސީރިއަސް ކަމެެއްގެ ގޮތުގައި ބަލާނެ." އެ ދެ މުވައްސަސާ ޓެގް ކުރައްވާ ކުރައްވާފައިވާ ޓްވީޓުގައި ވެއެވެ.
އެ ހާދިސާ ހިންގާ، ރެފްރީއަށް ހަމަލާދީފައިވަނީ މިހާރުކުރިއަށްދާ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ކަލާފާނު ސްކޫލާއި މާލެ އަތޮޅު ގުރައިދޫ ސްކޫލެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި ރެފްރީއަށް ހަމަލާދީ، މާރާމާރީ ހިންގާކަމަށް ބެލެވެނީ ގުރައިދޫ ސްކޫލަށް ނިސްބަތްވާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނެވެ.
އެ ވީޑިއޯތަކުން ފެންނަގޮތުގައި ދަނޑުމަތީގައި ރެފްރީއަށް ހަމަލާދޭން ފެށުމުން، ރެފްރީ ދުވަމުން ގޮސް ރެފްރީސް ޗޭންޖިންގ ރޫމަށް ވަންނަން މަސައްކަތް ކުރެއެވެ. ނަމަވެސް އޭރުވެސް ރެފްރީ ވަށާލައިގެން ތިބެ ބައެއް ފަރާތްތަކުން ދިޔައީ އޭނާއަށް ހަމަލާ ދެމުންނެވެ.
އެފްއޭއެމް އިން ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!