ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާ ފެޅި 5 މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލައިފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ހިނގާ ފެބްރުއަރީ 3 ވަނަ ދުވަހު ވެލާތަކެއް މަރައި ފަޅައިގެން ކައްކަން ތިއްބައި އަތުލައިގަތީ ކެންދޫއަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ.

Ad
rt

އެމީހުން އަތުލައިގަތްއިރު، އެމީހުންނާއެކު 6 ވެލާގެ ތޮށިގަނޑު ފެނިފައިވާ ކަމަށާއި އެ މައްސަލާގައި ޝާމިލުވާ މީހުންގެ ބަޔާންތައް ނެގުމަށްފަހު މިނިވަންކޮށްފައިވާ ކަމަށް ޓްވީޓުގައި ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެމީހުން އަތުލައިގަތުމަށްފަހު ހެކި އެއްކުރުމާއި އެހެނިހެން ޒަރޫރީ މައުލޫމާތު ހޯދައި އެއްކުރުމުގައި އެ އިދާރާ އާއި ބ އަތޮޅު ބައޮސްފެޔަރ ރިޒާވް އޮފީހުގެ މުވައްޒަފުން ބައިވެރިވި ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައި ވެއެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނީ މި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެރަށަށް ގޮސް ބަލަންޖެހޭ ކަންކަން ބަލައި، އީޕީއޭ އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.