ނަފްސާނީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ގޮވައިލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅެއްވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟްއެވެ.

Ad
rt

އެމްއެންޕީގެ އެއް ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ރިޔާޟް ހުށަހެޅުއްވި، މި ގަރާރުގައި އޭނާ ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ރައްޔިތުންނަަށް ނަފްސާނީ ސިއްހަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ހިދުމަތްތަކާއި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާއިބެހޭ ހަރުދަނާ އޮނިގަނޑެއް ނެތުމުން ހުށަހަޅާ ގަރާރެއް ކަމަށެވެ.

ރާއްޖޭގެ އާބާދީ އާ އެކަށޭނަ މިންވަރަށް މި ހިދުމަތްތައް ލިބެން ނެތުމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނޭ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

2019 ގައި ސަރުކާރުން ޢަމަލުކުރަން ފެށި ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019 – 2024 ގައި ޚާއްޞަ އަހަންމިއްޔަތު ކަމެއް ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް، 2019 މާރޗް 25 ގައި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވުން ނޫން މާބޮޑު ކަމެއް ސަރުކާރުން ކުރެއްވި ކަމަށް ނުދެންނެވޭނެ ކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި މިޤަރާރު ހުށަހެޅުމާއިއެކު ކުއިކް ފިކްސްތަކެއް ގެންނަން މަސައްކަތް ކުރި ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އަދިވެސް ވަށާޖެހޭ ގޮތަކަށް، ނަފްސާނީ ބަލިތަކަށް ޚިދުމަތް ލިބޭނެ ގޮތެއް ނެތް ކަމަށާއި މިކަން ރައީސް ސާލިހު، އިއްޔެ އިއްވެވި ރިޔާސީ ބަޔާނުން ޔަޤީންވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

" އެމަނިކުފާނު ވިދާޅުވީ، އަދިވެސް ކިއު ގައި، ސިއްޙީފަރުހާ ހޯދުމަށް، 411 މީހުން އިއްޔެ އާ ހަމައަށް ތިބި ވާހަކަ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އެކަމަށް ވަކި ސެންޓަރެއް ހެދި ނަމަވެސް، އަދިވެސް ކިއުގައި ފަރުވާ ލިބޭނެ ދުވަހެއް ނޭނގޭހާލުގައި 411 މީހުން އެބަތިބި." ގަރާރުގައި ބުނެފައި ވެއެވެ.

ސަރުކާރުން އަހަންމިއްޔަތު ކަމެއް ދީގެން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ނުކުރުވޭ ކަމަށް ދަންނަވާ ސަބަބުތަކުގެ ތެރޭގައި، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ހިމެނޭކަން ފާހަގަކޮށް، ސަރުކާރުގެ ވެރިއަކު އެތަން ހިނގާ ގޮތް ބައްލަވާނަމަ އެތަނުގެ ޓީވީ ބަލާ ސަރަހައްދުގައި މީހުން ބައިތިއްބާ ހާލަތަށް ނުދާނެ ކަމަށް ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެ މަރުކަޒުގައި ނޫނީ އަދިވެސް ނެތް އިން-ޕޭޝެންޓް ކެއަރ ލިބޭނެ ފެސިލިޓީއެއް ނެތްކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މިހާގިނަ ބަލި މީހުން ތިބެފައި، ޚިދުމަތް ލިބޭނެ ގޮތް މަދުވެފައި، ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް މިހާގިނައިރު ސުއިސައިޑް ވޮޗް އެއް ތަޢާރަފް ނުކުރެވި އޮތުމަކީ ވަރަށް އަޖާއިބުވާ އަދި އެއަށްވުރެން ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިއީ ޒުވާނުންނަށް ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީއިން ދެކޭ ކަމަށް ވެސް ރިޔާޟުގެ ގަރާރުގައި ވެއެވެ.