ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުމާއި ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުން ނޫނެކޭ ބުނެ، ބޭރުކޮށްލައިފިއެވެ.

މިހާރުކުރިއަށްދާ، މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

Ad
rt

މި މައްސަލަ ބަލައުގަތުމަށް ވޯޓަށް ހުޅުވައިލުމުން މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ. އެހެންނަމަވެސް 36 މެމްބަރުން ވޯޓު ދެއްވާފައިވަނީ ބަލައިގަންނަން ނުފެންނަކަމަށެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ދުރު މުސްތަގްބަލަށް ބަލާއިރު އެދެވޭ ކަމެއްނޫން ކަމަށެވެ.

މީގެ އިތުރުން ދިވެހިންނާއި ބިދޭސީންނަށް އެއް އުސޫލެއްގެ ދަށުން 99 އަހަރަށް ބިދޭސީންނަށް ތިލަފުށިން ބިން ދިނުމަކީ ދިވެހި ވިޔަފާރިވެރިންނަށް އެކަމުގެ ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މިފަދައިން ކަންކުރަނީ އިންތިހާބުގެ މަސައްކަތްތައް ކުރުމަށް ފައިސާ ހޯދުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ސަރުކާރުގެ ނިންމުން ބަދަލުކޮށް ދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.