ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރިއަށް އޮތް ޤައުމީ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޖޭޕީގެ އަސާސީ ޤަވާޢިދަށް ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސަށްއަށް ހުށަހެޅުމަށް ތައްޔާރުގައިކޮށްފައިވާ ޑްރާފްޓް އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ރޭ ވަނީ އެ ޕާޓީގެ މެންބަރުން ތިބޭ ''ޖޭޕީ ފެމިލީ'' ވަޓްސްއަޕް ގްރޫޕްގައި ހިއްސާކުރައްވާފައެވެ.

Ad
rt

އެ ޑްރާފްޓްގައިވާގޮތުން ކުރިއަށް އޮތް ޖޭޕީގެ ޤައުމީ ކޮންފަރެސްއަށް އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅަން ވަނީ ނިންމާފައެވެ. މިގޮތުން އެ ޕާޓީގެ ލީޑަރުގެ ބަދަލުގައި ރައީސް އެއް ބެހެއްޓުމަށް ހުށަހަޅަން ނިންމާފައިވާއިރު، ޕާޓީގެ ރައީސްގެ އެޑްވައިޒަރުންގެ އަދަދު 5 ކަމުގައި ހަމަޖައްސައި، ޕާޓީއަށް 5 ނައިބު ރައީސުން އިންތިޚާބު ކުރުމަށް އިސްލާޙް ހުށަހަޅަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕާޓީގެ އޮނގަނޑަށް ގެންނަ އިސްލާހެއްގެ ގޮތުގައި ލީޑާޝިޕް ކޮމެޓީއެއް އިތުރުކުރަން ހުށަހަޅާފައިވެއެވެ. މިކޮމެޓީއަކީ ޕާޓީގެ އޮނިގަނޑުގައި ކައުންސިލްއަށް ފަހު ދެން އެންމެ އިސްވާނެ ކޮމެޓީއެވެ. ޕާޓީގެ ދެ ކައުންސިލް ބައްދަލުވުމުގެ ދެމެދުގައި ޕާޓީގެ ކައުންސިލުން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތު އަދާކުރާނީ މި ކޮމެޓީން ކަމަށް ޤައުމީ ކޮންފަރެންސްއަށް ހުށަހަޅާ އިސްލާހްގައި ބުނެފަވެއެވެ. ލީޑާޝިޕް ކޮމެޓީ އެކުލެވިގެން ވަނީ ޕާޓީގެ ރައީސް އާއި، ޕާޓީގެ ރައީސްގެ އެޑްވައިޒަރުންނާއި، ޕާޓީގެ ނައިބު ރައީސުންނާއި، ޕާޓީގެ ސެކެރެޓަރީ ޖެނެރަލާއި އަދި ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރާއި، ޑެޕިއުޓީ ލީޑަރުގެ މައްޗަށް ކަމަށް އެ އިސްލާޙްގައި ބުނެފަވެއެވެ.

މީގެ އިތުރުން ޤައުމީ ކޮންފަރެންސްގައި ކައުންސިލަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދު 25 އަށް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މިހާރު އެ ގަވާއިދުގައި އޮންނަގޮތުން އެ އަދަދަކީ 15 އެވެ.

މިނޫން ވެސް އިތުރު ބަދަލުތަކެއް ގެންނަން މި ޑްރާފްޓްގައި ހިމަނާފަވެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް މި މަހުގެ 23-26 އަށް ބޭއްވުމަށް އެ ޕާޓީން މަސައްކަތް ކުރަމުން އަންނައިރު، ގައުމީ ކޮންފަރެންސާގުޅޭ ގޮތުން ނިންމަންޖެހޭ މުހިންމު ނިއްމުންތައް ނިންމަން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ނިންމާފައެވެ.