ރައްޔިތުންގެ އުފާފާގަތި ދިރިއުޅުން ކަށަވަރު ކުރެވޭނީ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ ހިންގޭ ހުރިހާ މަޝްރޫއަކާއި ނިންމޭ ކޮންމެ ނިންމުމެއްގެ އާޚިރު ލާބަ، ރައްޔިތުންނާ ހަމަޔަށް ވާސިލުވާންޖެހޭ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މިނިވަން ވޭޖު ނުވަތަ އެންމެކުޑަ އުޖޫރަ އާގުޅޭގޮތުން ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ ކަމަށާއި މިއީ، ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
1 ޖަނަވަރީ 2022 ގައި ތަންފީޒު ކުރަން ފެށި އެންމެކުޑައުޖޫރައިގެ ސަބަބުން ސީދާގޮތުގައި ހެޔޮ ބަދަލު އައީ 33500 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނިމިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ 22 ގައި ގެޒެޓް ކުރެވުނު ގާނޫނީ ހެޔޮ ބަދަލަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަރވިސް ޗާޖާ ގުޅޭ ބަދަލުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
"އެއީ، މަދުވެގެން 10 އިންސައްތައިގެ ސަރވިސް ޗާޖެއް ނަގައި، މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްކުރާ ޤާނޫނީ ބަދަލު. މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެއްޖެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަސައްކަތާއި ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާއި ހިމާޔަތް އޮންނަންޖެހޭ ކަމަށާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލް، ސަރުކާރުން، މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް، މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!